ބައިނަލްއަޤްވާމީ ތަރިކައިގެ ދުވަސް 2009 ރާއްޖޭގައި ފާހަގަކުރުން (15 އޭޕްރީލް 2009)
މިއަހަރުގެ ބައިނަލްއަޤްވާމީ ތަރިކައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ސެކަންޑްރީ ސްކޫލްތަކަށާއި ސީ.އެޗް.އެސް.އީ. އަށް އަމާޒުކޮށްގެން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މަސައްކަތު ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.
މިއަހަރުގެ ޝިޢާރު ކަމުގައި ހިމެނޭ "އިންޓްރޮޑަކްޝަން ޓު ދަ ވާރލްޑް ހެރިޓޭޖް ކޮންވެންޝަން އެންޑް ކަލްޗަރަލް ޓޫރިޒަމް" މިޝިޢާރުގެ ދަށުން ބޭއްވޭ މިމަސައްކަތު ބައްދަލުވުން އޮންނާނީ މިއޭޕްރީލް މަހުގެ 16 އިން 17 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިބައްދަލުވުމުގައި ބައިނަލްއަޤްވާމީ ތަރިކައާއި ސަޤާފީ ފަތުރުވެރިކަމާ މެދު ދަރިވަރުން ހޭލުންތެރިކުރުވާ ޚިޔާލު ބަދަލުކުރެވޭނެއެވެ.
މިބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ދަރިވަރުން ވަނީ މިއޭޕްރީލްމަހުގެ 11 ވަނަ ދުވަހު މާލެ އަތޮޅު ކާށިދޫގައި އޮންނަ އާސާރީ ސަރަޙައްދަށް ޒިޔާރަތްކޮށްފައެވެ.
މިމަސައްކަތު ބައްދަލުވުމުގައި މާލޭގެ 11 ސްކޫލަކުން 126 ދަރިވަރުން ބައިވެރިވާނެއެވެ.
މީގެ އިތުރުންވެސް ބައިނަލްއަޤްވާމީ ތަރިކައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދަންނަވާ ކަންތައްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހ. އޭޕްރީލް 18 ވަނަ ދުވަހު ހެނދުނު 8 ން އިރުއޮއްސި 6 ށް ޤައުމީ ދާރުލްއާސާރު ޢާންމުކޮށް ހުޅުވާލެވޭނެއެވެ.
ށ. އޭޕްރީލް 19 ވަނަ ދުވަހު ކަޅުވަކަރު މިސްކިތް މަރާމާތަށްފަހު ހުޅުވުމާއި އިންޓަރެކްޓިވް ސީ.ޑީ. އެއް ނެރެވޭނެއެވެ.
ބައިނަލްއަޤްވާމީ ތަރިކައިގެ ދުވަހަކީ 1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޓިއުނީޝިއާގައި ބޭއްވުނު ICOMOS ގެ މަހާސިންތާއެއްގައި ފާސްކުރެވުނު ޤަރާރަކުން ކަނޑައެޅުނު ދުވަހެކެވެ. އަދި 1983 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުނު ޔުނެސްކޯގެ 22 ވަނަ ބައްދަލުވުމުގައި މިޤަރާރުވަނީ ފާސްކުރެވި، ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ދުނިޔޭގެ ތަރިކައިގެ ދުވަސް ކަމުގައި ފާހަގަކުރުމަށް ނިންމައިފައެވެ.
މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިންސާނީ ދަރިފަސްކޮޅުގެ މުހިންމު ރައުސްމާލު ކަމުގައި ބެލެވޭ ތަންތަނާއި ސަރަޙައްދުތައް ޙިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުގައި މިކަމުގައި ޙިއްސާވާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ މިންވަރު ދެނެގަތުމާއި، ތަފާތު ސަގާފަތްތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. އަދި ދުނިޔޭގެ ތަރިކައިގެ ގޮތުގައި ބެލެވޭ ނުވަތަ ބެލެވިދާނެ ތަންތަނުގެ ނާޒުކު ކަމާމެދު ވިސްނާ ފިކުރުކުރުންވެސް މިދުވަސް ފާހަގަކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގެ ސަގާފީ ތަރިކައިގެ ވަރަށް ބޮޑު ބައެއް ހިމެނިފައިވަނީ ދީނީ ތަރިކައިގެ ތެރޭގައެވެ. މިސްކިތްތަކާއި، މުންނާރުތަކާއި، ޤަބުރުސްތާނު ފަދަ ތަންތަނުގެ އިތުރަށް ޒިޔާރަތްތަކާއި މައުލޫދުހަރުގެ ފަދަ ތަންތަނަކީ މިގޮތަށް ފާހަގަކުރެވޭ ބިނާތަކެވެ.